މިހާރު އޮތް ސަރުކާރަކީ ލާމަރުކަޒީ އުސޫލު ދަންނަ ބަޔަކު ތިބި ސަރުކާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޭންޑް ޔޫޒް ޕްލޭނަށް އިސްލާހު ގެންނަން މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ) އިން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް ބާރުތައް ދިން ފަހުން އަހަރުވީ އިރު ވެސް އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި 55 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން އެޕްރޫވްކޮށްފައި އޮތީ ވެސް އެންމެ ހަތް ރަށުގެ ޕްލޭނެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ބާރު ދީގެން ކުރާ ނަމަ ދެ އަހަރުވެގެން ދިޔައިރު ވެސް ތިމާވެށީގެ ގާނޫނު ފާސްނުކޮށް އޮތުމުން ވެސް އޭނާ ފާޑުވިދާޅުވި އެވެ.
"ކީއްވެގެންތޯ މި އުޅެނީ ލޭންޑް ޔޫޒް ޕްލޭން އެޕްރޫވް ނުވެގެން. މިހިރީ ދައްކާ ޖޯކު ވާހަކަ. ކަމަކަށް ކަމެއް މި ކުރަނީ." ޝިޔާމް ވިދާޅުވި އެވެ. "ކައުންސިލްތަކަށް ހަގީގަތުގައި މިދަންނަވާހެން ބިމުން އާމްދަނީ ހޯދަން ކުރަން ހުރި މަސައްކަތްތައް ކުރެވެން އަންނަނީ މި ގާނޫނު ވެސް [ތިމާވެށީގެ ގާނޫނުވެސް] ވުޖޫދުވެގެން. އެހެން ނަމަވެސް މި ގާނޫނު ވެސް ހަމަ ވެއްޖެ ކޮންމެވެސް ދެ ކޮމިޓީއެއް އެއްކޮށްގެން އެ ދެ ކޮމިޓީގައި ތާށިކޮށްގެން އުޅޭތާ ދެ އަހަރު."
އޭނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރާކަން ދެއްކުމަށް ސަރުކާރުން މޮޅު ވާހަކަ ދެއްކިޔަސް އަމަލުން އެކަން ނުފެބްނަ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ލާމަރުޒަކީ ގާނޫނާ އެއްގޮތަށް ކައުންސިލްތަކުގެ ބާރު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން މީގެ ދެ ހަފުތާ ކުރިން މަޖިލީހަށް ގަރާރެއް ހުށަހެޅި ނަމަވެސް އެ ގަރާރު އަދިވެސް އެޖެންޑާ ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝިޔާމް ގާނޫނުގައި ކައުންސިލްތަކަށް މާލީ ބާރު ލިބޭ ކަމަށް އޮތަސް އާމްދަނީއެއް ކިރިޔާ ވެސް ލިބޭނެހެން ހީވާ ތަންކޮޅެއް ރަށެއްގެ އިހްތިސާސްގައި އޮވެއްޖެ ނަމަ އެބައެއް ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރަށުގެ އިހްތިސާސުން ވަކިކުރާ ކަމަށެވެ.
"މާލީ ބާރުވެރިކަން ގާނޫނުގައި އެބަ އޮވޭ ލިބިފަ. އެހެން ނަމަވެސް މިއުޅެނީ ކައުންސިލްގައި ހުރި ވަޒީފާތަކަށް މީހަކު ނުނެގިގެން. ވަރަށް ރަނގަޅަށް ލާމަރުކަޒީ ވެފައެއް ނޫންތޯ މިއޮތީ. ހުރި ވަޒީފާތަކަށް ނުނެގިގެން މިއުޅެނީ ސިވިލް ސާވިސް ކޮމިޝަނާ ކައުންސިލާ ދޭތެރޭގަ އެބަޖެހޭ ދުވަން،" ޝިޔާމް ވިދާޅުވި އެވެ. "ފިނޭންސް މިނިސްޓްރީ އާއި ކައުންސިލާ ދޭތެރޭ އެބަޖެހޭ ދުވަން. ޕްލޭނިން މިނިސްޓްރީ އާއި ކައުންސިލާ ދޭތެރޭ އެބަޖެހޭ ދުވަން."