އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އާމިނަތުދިޔެ (އާމިންދައްތަ) ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
އެ މައްސަލާގައި އެންމެ މަތީ ކޯޓުން މި ގޮތަށް ނިންމި އިރު، އާމިންދައްތަ، 59، ގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހުން އޭނާ ބަންދުން ދޫކުރީ މިދިޔަ މަހުގެ 21 ގަ އެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒފާ އަދާކުރަމުން ދިޔަ މީހާ، އެ ސްކޫލްގައި ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރީ މާޗް މަހުގެ ފަހުކޮޅު އެވެ.
އެ މައްސަލާގައި އާމިންދައްތަ ބަންދުކޮށް ފަހުން ދޫކޮށްލުމުން އޭނާ ވަނީ ކުއްޖާ އަށް އިންސާފު ހޯދައިދޭން ގޮވާލައި ހިތަދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވެސް ބައިވެރިވެފަ އެވެ.
އާމިންދައްތަ ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ. އެހެންވެ ހައި ކޯޓުން އެ އަމުރަށް ތާއީދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އެހެންވެ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.