Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ދުންފަތުގެ ސަބަބުން ރާއްޖޭން އަހަރަކު 150 މަރު

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިން އަންދާޒާ ކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖޭގައި އެބަލިތަކަކުން އަދި އެބަލިތަކުގެ ހިރާސަތްކަށް ހުށަހެޅިގެން އެންމެބޮޑަށް މީހުން މަރުވާ އަދި ބަލިމަޑުކަމާ ނުކުޅެދުންތެރިކަމަށް ހުށަހެޅެނީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކާ އޭގެ ހިރާސްތަކުން ކަމަށެވެ. މިގޮތުން 84 ޕަސެންޓަކީ ހިތުގެ ބައްޔާ، ސްޓްރޯކާ، ކެންސަރާ ހަކުރުބައްޔާ ނަފުސާނީ ބަލިތައް ކަމަށްވާއިރު މި ހުރިހާ ބަލިތަކަށް އެންމެ އާއްމު އެއް ހިރާސްއަކީ ދުންފަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން ރާއްޖޭގައި ދަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށާއި އަދި އަހަރުން އަހަރަށް ބަލާއިރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮންމެ އަހަރަކުވެސް ކުރަނީ މިފަދަ ބަލިތަށް ތަޙައްމަލު ކުރާ މީހުންގެ ބޭސްފަރުވާއަށް ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.

"ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު) ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާ ކުރޭ. ދުނިޔޭގައިވެސް އަދި ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކަށް ވެފައިވަނީ ދުންފަތް" މިނިސްޓްރީގެ ރިޕޯޓުގައިވެ އެވެ.

ރާއްޖޭގެ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ގެ ސްޓެޕްސް ސަރވޭ ގެ ވަގުތީ ނަތީޖާއަށް ބަލާއިރު 23.1 ޕަސެންޓް މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެ އެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޖުމްލަ ޢަދަދުގެ ފިރިހެނުންގެ ޙިއްސާ އަކީ 64.4 ޕަސެންޓެވެ. އަންހެނުންގެ ޙިއްޞާއަކީ 35.6 ޕަސެންޓެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން ބޮޑެތި މީހުންގެ ތެރޭގައި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިނަމަވެސް، ވޭތުވެދިޔަ 3 އަހަރުތެރޭ، މި ޢަދަދު އަންހެނުންނާ ފިރިހެނުންގެ މެދުގައި ޙިއްޞާ ވާ މިންވަރަށް ވަރަށްބޮޑު ބަދަލެއް އައިސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ޝީޝާ ފަދަ ބާވަތްތައް އަންހެނުންނަށް ޚާއްޞަކޮށް އިޝްތިހާރުކުރުމާ އަދި ޝީޝާބޮވޭ ތަންތަން ގިނަވުން މީގެ ސަބަބަކަށް ވެދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރާ ފިރިހެނުންގެ ތެރެއިން ސިނގިރޭޓްބޯ މީހުންގެ ގިނަބަޔަކު 45 ޕަސެންޓް ކޮންމެ ދުވަހަކު 15 ސިނގިރޭޓަށްވުރެ އިތުރަށް ބޮއެވެ. އަދި 9 ޕަސެންޓް މީހުން 25 ސިނގިރޭޓަށްވުރެ ގިނައިން ބޮއެވެ. އެއްތަނެއްގައި އިނދެ އެފުލުފުލުން ސިނގިރޭޓް ބޯ މީހުން (ޗެއިން ސްމޯކަރ) ގިނަފަހަރަށް މިކަން ކުރަނީ، ކެފޭ ތަކުގައި ކެއިންބުއިމުގައި ހޭދަކުރާ ވަގުތުތަކުގައި ކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފުރާވަރު ޢުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ޢުމުރަކީ ޢުމުރުން އެންމެ 7 އަހަރަށްވުރެ ދަށްވުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއްކަން މިނިސްޓްރީން ފާހަގަކުރެ އެވެ. 2014 ގައި ރާއްޖޭގައި 13 އަހަރާއި 17 އަހަރާއި ދެމެދު ޢުމުރުފުރައިގެ ކުދިންގެތެރޭގައި ހެދިފައިވާ ގްލޯބަލް ސްކޫލް ހެލްތު ސާވޭއިން ދައްކާ ގޮތުގައި، 7 އަހަރަށްވުރެ ކުޑައިރުގައި ދަރިވަރު ދުންފަތުގެ އިސްތިޢުމާލުކުރަން ފަށަ އެވެ.

މިނިސްޓްރީން ބުނީ ދުންފަތް ކޮންޓްރޯލް ނުވުމުގެ މައިގަނޑު ސަބަބަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މަސައްކަތް ކުރެވޭލެއް ނިޞްބަތުން މަދުކަން ކަމަށެވެ. މީގެ ތެރޭގައި، ދުންފަތަށް ކުދިން ހުށަހެޅޭ މަގުތައް ބަންދުކޮށް، ދުންފަތުގެ ސިނާޢަތުން، ދުންފަތް ޕްރޮމޯޓްކުރުމަށް ކުރާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމާ، ދުނަފަތުގެ ވިޔަފާރީގެ ޚިދުމަތްދޭ ފަރާތްތަކުން ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ޢަމަލު ކުރޭތޯ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތުގައި ތަންފީޒު ނުކުރެވުމަކީ، މި ކަމުގެ ތެރެއަށް އަލަށް ވަންނަ ކުދިންނާ ޒުވާނުން އިތުރުވާ މައިގަނޑު އެއް ސަބަބު ކަމަށް މިނިސްޓްރީން ބުނެ އެވެ.