ސްރީލަންކާ އިން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފި އެވެ.
ލަންކާގެ ޑިޕާޓްމެންޓް އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާޒުން ބުނީ މި ނިންމުން ނިންމީ އެގައުމަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން ކަމަށެވެ.
ޖުމްލަ 22 މިލިއަން މީހުން ދިރިއުޅޭ ލަންކާގެ އާބާދީގެ 10 ޕަސެންޓް މީހުންނަކީ މުސްލިމުންނެވެ. މިއަހަރު ލަންކާ އިން 1،585 މީހުން ހައްޖަށް ދާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ފުރުސަތު އެއް މިލިއަން މީހުންނަށް ދިނުމަށް ސައުދީ އަރަބިއްޔާ އިން ވަނީ ނިންމާފަ އެވެ.
އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށާއި ސައުދީގެ މިނިސްޓްރީގެ އޮފް ހެލްތުން ގަބޫލުކުރާ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް އަންނަ ފަރާތްތައް 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ސައުދީން ބުނެ އެވެ.
ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 58،745 މީހުންނެވެ.
ކޮވިޑް އައުމުގެ ކުރިން ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން ގާތްގަނޑަކަށް ދެ މިލިއަން މީހުން އަދާކުރެ އެވެ.