Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

މުޒާހަރާގައި ފުލުހުންނަށް ހުރަސްއެޅި ދެ މީހަކު ހައްޔަރަށް

އިދިކޮޅު ޕީޕީއެމުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅުން ރޭ ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ މުޒާހަރާގެ ތެރެއިން 49 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ކޮންމެ ރެއަކު މަދުބަޔަކު ނިކުމު މާލޭގެ މަގުތަކުގައި އަޑުގަދަކޮށް މުޒާހަރާކޮށް ހަދައެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއްވެސް ނެރެފައިވެއެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.