މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ދުންޔާ މައުމޫން އެ ޕާޓީގެ އޯވަސީސްގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
މިކަން އޭނާ ސޯޝަލް މިޑިއާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. ދުންޔާ ވިދާޅުވީ އެމްއެންޕީގެ ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި އޯވަސީސްގެ ނައިބު ރައީސް މަގާމަށް ވާދަކުރައްވަނީ ހާރިޖީ ދާއިރާ އިން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކާ އެކި އެ ދާއިރާ އިން ޕާޓީ އަށް ހިދުމަތްކުރައްވަން ކަމަށެވެ.
"އަޅުގަނޑަށް މި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ރާއްޖޭގެ ޚާރިޖީ ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރި އިރުގެ ތަޖުރިބާގެ އަލީގައި މިޕާޓީގެ ތެރެއިން ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ އެދުމެއް ކަމުން، އެންމެހައި ބޭފުޅުން ވެސް އަޅުގަނޑަށް ތާއީދުކުރައްވާނެ ކަމަށް އުއްމީދުކުރަން." އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ، ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިންް މިނިސްޓަރުގެ މަގާމު އަދާކުރެއްވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު އިސްކޮށް ހުންނަވައިގެން އުފެއްދެވި އެމްއެންޕީއާ ދުންޔާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ޕާޓީގެ އޯވަސީސް ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން ނިންމެވި އިރު، ދުންޔާ އަކީ މިހާރު ވެސް އެ ޕާޓީގެ އަންހެން ވިންގްގެ ލީޑަރެވެ.