ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަގައި ގޮތެއް ނިންމުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހައިކޯޓްގެ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވަނިކޮށް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހިގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުންނާ މެދު ޖުޑިޝަރީ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކޮމިޓީ ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށެވެ.
މި ދެފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގެންފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލަ ޖޭއެސްސީން ބުލުމުގައި އިޖުރާއަތާ ހިލާފު ވެފައިވާކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބުނުމުން، ޖޭއެސްސީން ވަނި އެކަމުގައި ގޯހެއް ހިނގާފައި ނުވާކަމަށްވެސް ބުނެފައެވެ.