ޖޫން މަހު ތެރޭގައި 10 ދުވަހަށް ސިވިލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.
ސިވިލް ކޯޓުން ބުނެފައިވަނީ އެ ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގައި އެޤާނޫނާއި އެޤާނޫގެ ދަށުން ހެދޭ މަދަނީ އިޖުރާއަތުގެ ޤަވާއިދަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
އެގޮތުން 10 ޖޫން 2022 އިން 20 ޖޫން 2022 ގެ ނިޔަލަށް ސިވިލް ކޯޓު ރިސެސްއަށް ދިއުމަށް 31 މެއި 2022 މިދުވަހު ބޭއްވުނު ސިވިލް ކޯޓު ޤާޟީންގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކޮށްދޭ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރަށް ބޭނުންތެރިވެފައިވާ، މުހިންމު ޤާނޫނެކެވެ.
މި ގާނޫނު ތަސްދީގު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ގާނޫނަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަ މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.