Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

ޔާމީންގެ ޝަރީއަތް ލައިވްކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ އިން ފެށިގެން ލައިވްކުރާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ ކޯޓުން މި ގޮތަށް ނިންމީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވްކުރަން ޔާމީން ފަރާތްޕުޅުން އެދިވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މައްސަލަތަކުގެ އަޑުއެހުންތައް އެ ކޯޓުގެ ޔޫޓިއުބް މެދުވެރިކޮށް މާދަމާ އިން ފެށިގެން ލައިވްކޮށް ދައްކާނެ ކަމަށެވެ.

މާދަމާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މެންދުރު ފަހު 1:00 އަށެވެ.

ޔާމީންގެ ޝަރީއަތް އަލުން ލައިވްކުރަން ނިންމި އިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމާ ގުޅިގެން ޔާމީނަށް ކުރި ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން ލައިވްކުރި އެވެ.