އިޓަލީއާ ދެކޮޅަށް ރޭ ކުޅުނު "ފައިނަލިސިމާ" މެޗު 3-0 އިން ކާމިޔާބުކޮށް އާޖެންޓީނާ އިން ތަށި އުފުލާލައިފި އެވެ.
"ފައިނަލިސިމާ" އަކީ ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރޯގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ. މިއީ 29 އަހަރަށްފަހު ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު މިފަދަ ފުރަތަމަ މެޗެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓްގައި އާޖެންޓީނާ އިން ވަނީ ލީޑު ނަގާފަ އެވެ. އެގޮތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދިން ޕާހަކުން މި ގޯލު ކާމިޔާބުކުރީ އެޓީމުގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ.
މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ދިޔައީ އިޓަލީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ލައުޓާރޯ ދިން ރީތި ޕާހަކުން އެންހެލް ޑިމަރިޔާ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޑިމަރިޔާ މި ގޯލު ކާމިޔާބުކުރީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާގެ ބޯމަތިން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފްގައި ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ގިނަ ފުރުސަތުތަކެއް އާޖެންޓީނާ އިން ވަނީ ތަނަވަސްކޮށްފަ އެވެ. އެގޮތުން އާޖެންޓީނާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް އިޓަލީގެ ކީޕަރު ޑޮނަރުއްމާ ދިފާއުކުރި ނަމަވެސް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޕައުލޯ ޑިބާލާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޑިބާލާ މި ގޯލު ކާމިޔާބުކުރީ އިޓަލީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ރޭގެ މޮޅާއެކު އާޖެންޓީނާ އިން މިހާރު ވަނީ ބަލިނުވެ ޖުމްލަ 32 މެޗު ފުރިހަމަކޮށްފަ އެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.