މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދަން ނިންމާފައިވާ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އައްޑޫ ސަރަހައްދީ ބަނދަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން މިއަދު ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެ ސެޝަން ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން 3:00 އަށް ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ.
ހިތަދޫ ސަރަހައްދީ ބަނދަރުގައި ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ހަތަރު ދާއިރާއަކުން ބައިވެރިންނަށް ތަމްރީނު ހޯދައި ކުރިއަށްދާން ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހެވީ ވެހިކަލް އޮޕަރޭޓަރު، މެރިން އެޕްރެންޓިސް، މެކޭނިކަލް އެޕްރެންޓިސް އަދި ވިންޗްމަން އެވެ.
އެމްޓީސީސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގާ މި އެޕްރެންޓިސް ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހިތަދޫ ސަރަހައްދީ ބަނދަރާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގަ އެވެ. އެގޮތުން އިއްޔެ ވަނީ ކުޅުދުއްފުށީގައި މައުލޫމާތު ސެޝަން ބާއްވައިފަ އެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ދެ ޕޯޓްގައި ހިންގާ އެޕްރެންޓިސް ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރޭގައި ބައިވެރިންނަށް ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 6،000ރ. ދޭނެ އެވެ. އަދި ހޮވޭ ކޮންމެ ބައިވެރިޔަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ވެސް ދޭނެ އެވެ.