ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫގައި ބުނާ މިންވަރަށް އެންމެ ދަށްވެގެން 3،000 ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މެމްބަރުން ހަމަކުރަން ދިން މުއްދަތު މި މަހުގެ 14 އަށް ހަމަވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެތަނުން ވަނީ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް މާޗް މަހުގެ ތެރޭގައި ނޯޓިސް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އެ މަނިކުފާނު އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) ގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.
މި ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކުން ވަނީ މެމްބަރުން ހަމަކުރުމުގެ މުއްދަތު އިތުރުކޮށްދޭން ވެސް އީސީގައި އެދިފަ އެވެ. ނަމަވެސް އެތަނުން ބުނީ މުއްދަތު ދިނީ ގާނޫނުގައި ބުނާ ގޮތަށް ކަމަށާއި މުއްދަތު އިތުރުކޮށް ނުދޭނެ ކަމަށެވެ. އެހެންވެ މެމްބަރުން ހަމަކުރަން ދިން މުއްދަތުގެ ތެރޭގައި 3،000 ހަމަނުވާ ޕާޓީތައް އުވައިލާނެ އެވެ.
ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކަކީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތުގެ އިތުރުން އެމްއެންޕީ އެވެ.
އީސީން މިހާރު ވަނީ ޕާޓީތަކަށް ވަންދަން އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ ވެސް ކުރަން ނިންމައިފަ އެވެ.