Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ޖިޕު ދުއްވި މީހާ އިނީ މަސްތުވެގެން!

ރޭ 9:30 ހާއިރު ހިތަދޫ ބޮޑުމަގުގައި ހުންނަ މަސްޖިދުއް ތަގްވާ ކުރިމަތިން ޖިޕަކާއި ކާރެއް އަދި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޖިޕު ދުއްވި މިހާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ 40 އަހަރުގެ އެ މީހާއަކީ ލައިސަންސް ވެސް އޮތް މީހެއް ނޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، ޔޫރިން ޓެސްޓް ކުރި އިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ފުލުހުން ބުންޏެވެ.

މަންޒަރު ދުށް "އައްޑޫ ލައިވް"ގެ ނޫސްވެރިއާ ބުނީ ބާރު ސްޕީޑްގައި ގަމުން ހިތަދު އަށް ދިޔަ ޖިޕު ނުގަވާއިދު ފަޅިން ބާރަށް ގޮސް ގަވައިދު ފަޅިން ހިތަދޫން ގަމާއި ދިމާލަށް ދުއްވާފައި އައި ޑެމިއޯ ކާރެއްގައި ޖެހި އަދި ކާރު ފަހަތުން ގަވާއިދު ފަޅިން އައި ސައިކަލެއްގައި ޖެހި ކޮންޓްރޯލްވި އިރު ސައިކަލްގައި އިން އަންހެން މީހާ އޮތީ ޖިޕުގެ ފޮރޮޅު ދަށުގަ އެވެ.

ހިތަދޫ "ފާސްޓް ފުޑް" ޑެލިވަރީގައި މަސައްކަތް ކުރާ ސަބުދެލިގޭ ހައްވާ މުހައްމަދުގެ ކަނާއަތުގެ ފައިގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސްފައިވާ އިރު އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަން ވަނީ ޒަހަމްވެފަ އެވެ.

މިހާދިސާގައި ޖިޕް ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ އިރު އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެއީ މަރަދޫ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ހާދިސާގައި ޖިޕުން ޖެހި ކާރު 91 ފޫޓު ފަހަތަށް ވަނީ ދަމައިގެން ގޮސްފަ އެވެ. ފުލުހުން ރޭ އެ ހިސާބުގަނޑު ބަންދުކޮށްގެން ތަހްގީގު ކޮށްފައިވާ އިރު ރޭ އިތުރު އެކްސިޑެންޓެއް މަރަދޫގައި ވަނީ ހިނގައިފަ އެވެ. ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.