Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ކުޑަކުދިންނާއި ގޭންގްތައް؛ ވީޑިއޯއަކުން މެސެޖެއް!

ރާއްޖޭގައި ގޭންގްތައް އިތުރުވެ، އެފަދަ ގޭންގްތަކުން ހިންގާ ނުރައްކާތެރި ހާދިސާތައް ގިނަ އެވެ. ހާއްސަކޮށް ގޭންގްތަކުން ހިންގާ ބޮޑެތި މާރާމާރީތަކެވެ. މިފަދަ ޖަރީމާތައް ހިންގުމުގައި ރޭގަނޑެއް ދުވާލެއް ތަފާތެއް ނެތެވެ. ތޫނު ހަތިޔާރު ހިފައިގެން ނުކުމެ، ފާޅުގައި ގޭންގަތަކުން ބޮޑެތި ޖަރީމާތައް ހިންގުން ރާއްޖޭގައި ދަނީ އިންތިހާ އަށް އިތުރުވަމުންނެވެ.

މިކަމުގައި މިހާރު އޮތް އެންމެ ބޮޑު ބިރަކީ އަދި ހިތާމަ އަކީ ގޭންގްތަކުގައި ކުޑަކުދިން ޝާމިލުވާކަމެވެ. ގައުމުގެ ކުރިމަގުގެ ޖީލު މިފަދަ ގޮތަކަށް ބައްޓަންވެގެންދާ ނަމަ ދެން ގައުމަށް ވެދާނެ ގޮތަކާ މެދު ސީރިއަސްކޮށް ވިސްނާލަން ޖެހެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ވަނީ ގޭންގްތަކާ ބެހޭ ގޮތުން ފިއްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން ގޭންގްތައް އިތުރުވެ، އެފަދަ ހަރަކާތްތައް އިތުރުވަމުންދާ އިރު މިހާރު މާލޭގައި އެކަނި ވެސް 44 ގޭންގެއް ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 10 ގޭންގަކީ ނުރައްކާ ބޮޑު ގޭންގްތަކެވެ.

ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ގޭންގްތަކަށް ނިސްބަތްވާ 2،800 މީހުން ލިސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ވެސް ހިމެނެ އެވެ.

އަތޮޅުތަކުގައި ވެސް ގޭންގްތައް އިތުރުވަމުންދާ އިރު، މި މައްސަލަ މިހާރު އެންމެ ބޮޑީ ރާއްޖޭގެ އެންމެ ދެކުނުގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި 12 ގޭންގެއް ހަރަކާތްތެރިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަދަ ގޭންގްތަކެއްގެ މެދުގައި ސިލްސިލާކޮށް މިހާރު ފޭދޫގައި ފެށިގެން އުޅޭ މާރާމާރީތަކުގައި ތޫނު އެއްޗަކުން ރޭ ހަމަލާދިން 21 އަހަރުގެ ޒުވާނަކު މިއަދު މަރުވެފައިވާ ކަމެވެ. އޭގެ ކުރިން އަންގާރަ ދުވަހުގެ ރޭ 19 އަހަރުގެ ޒުވާނެއްގެ ބޮލަށް ދިން ހަމަލާއަކާ ގުޅިގެން ސިކުނޑި އަށް ލޭ އެޅި، އޭނަ އޮތީ އައިޖީއެމްއެޗްގަ އެވެ.

މިފަދަ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވާ ކުޑަކުދިން އިތުރުވާ އިރު، އެކަމުގެ ޒިންމާ ނަގާނީ ކޮން ބައެއް ހެއްޔެވެ؟ ފުލުހުން އާންމުކުރި ވީޑީއޯއެއްގައި ވެސް ފެންނަނީ މިކަމާ ދޭތެރޭ ފުންކޮށް މުޅި ގައުމު ވިސްނަން ޖެހިފައިވާ ކަމެވެ.

"ކުޑަކުދިން ގޭންގްތަކާ ގުޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުދިންނަށް އާއިލާގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅާލުން ނުލިބުން."