Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

މާރާމާރީ ހިންގަނީ ފުލުހުން ފެއިލްވެފައިވާތީ: ޖަމީލު

މާރާމާރީ ހިންގައި މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ނުހުއްޓުވިގެން އުޅެނީ ފުލުހުން ފެއިލްވެފައިވާތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަަދު ޖަމީލު އަހުމަދު އަހުމަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު މިއަދު މަރުވުމާ ގުޅިގެން އެކަމާ ގުޅުވައިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ހާދިސާތަކުން ދައްކުވައި ދެނީ ފުލުހުންނާއި ފުލުހުންގެ ވެރިޔާ މުހައްމަދު ހަމީދު މަގާމުގެ އަސްލު މަސްއޫލިއްޔަތު އަދާނުކުރައްވާކަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި ކުށްތައް ނުހުއްޓުވި، ރާއްޖެ މަސްތުވާތަކެތީގެ ހާއްޔަކަށްވެ އަމާންކަން ގެއްލިފައިވާ އިރު، ފުލުހުން ކުރާ ކަމަކީ އިދިކޮޅުން ދަމާ ބެނާތައް ނަގައި އިދިކޮޅު މީހުންނަށް އަނިޔާކުރުން ކަމަށެވެ.

"މި ވެރިކަމުގައި ފުލުހުން ފެއިލްވުމުގެ ނަތީޖާ މި ފެންނަނީ." ސީޕީ ހަމީދާއި ފުލުހުން ޓެގްކުރައްވައި ޖަމީލު ވިދާޅުވި އެވެ.

ފޭދޫގައި ރޭ މެންދަމު ތޫނު އެއްޗެހި ބޭނުންކޮށްގެން ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީގައި އަނިޔާވެގެން ފަރުވާދެނިކޮށް މަރުވީ 21 އަހަރުގެ ޒުވާނެކެވެ. އަދި މީގެ ދެ ރޭ ކުރިން ފޭދޫގައި ދަގަނޑު ބުރިއަކުން 19 އަހަރުގެ ޒުވާނެއްގެ ބޮލަށް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. އޭނާ އަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މާރާމާރީގައި ލިބުނު ޒަހަމްތަކުން މަރުވި ޒަޔާން.

މީގެ ހަފުތާއެއްހާ ދުވަސް ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ބުނީ ރާއްޖޭގައި ގޭންގްތައް އިތުރުވަމުންދާ ކަމަށާއި މާލޭގައި އެކަނި ވެސް 44 ގޭންގް ހަރަކާތްތެރިވާ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި ވެސް ގޭންގްތަކުގެ މައްސަލަތައް ބޮޑު ކަމަށް ފުލުހުން ބުންޏެވެ.

ސީޕީ ހަމީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި އައްޑޫގައި 12 ގޭންގެއް ހަރަކާތްތެރިވެ އެވެ.