Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ރައީސް އޮފީހުން 126 މީހަކަށް ހަނދާނީފިލާ

ރައީސް އޮފީހުގައި މަސައްކަތްކުރައްވާ އަދި ކުރެއްވި ގެންދަވާ 126 މުވައްޒަފެއްގެ ހިދުމަތުގެ އަގުވަޒަންކޮށް ރޭ ހަނދާނީ ފިލާ ދީފި އެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ބޭފުޅުންނާ ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބި ރައީސް ފައިސަލް ނަސީމެވެ.

ހަނދާނީފިލާ ލިބވަޑައިގަތް 126 ބޭފުޅުންގެ ތެެރެއިން މިހާރު ދުނިޔޭގައި ނެތް 20 ބޭފުޅަކަށް ވެސް ހަނދާނީފިލާ އެރުވި އެވެ.

ރައީސް އޮފީހަށް 40 އަހަރާއި، 35 އަހަރާއި، 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 49 ބޭފުޅަކަށާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 33 ބޭފުޅަކަށް ހަނދާނީފިލާ ހަވާލުކޮށް ދެއްވީ ރައީސެވެ. އަދި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 44 ބޭފުޅަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައީސް އޮފީހަކީ އެ ވަގުތަކު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށްވާތީ، އެ ވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރެއްވީ ރައީސް އޮފީހުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސް އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާން ޖެހޭނެ ތަނެއް ކަމަށާއި ރައީސް އޮފީހުގެ މުވައްޒަފުންގެ ޢަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއް ކަމަށެވެ. އަދި އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ ޢަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާއި، މިއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާ އިރު ވެސް ރަނގަޅު ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިއްބެވި ކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިއުން ވަރަށް ބޭނުންތެރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.