މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާންމުކޮށް ހުުވާލައިގެން ހައްޖަށް ދާން ހުޅުވާލި 100 ފުރުސަތަށް އެދި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ އިއްޔެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ 100 ޖާގައަށް އެދުނު މީހުންގެ ތެރެއިން ފުރުސަތު ލިބޭ މީހުން އަންނަ ހޯމަ ދުވަހު ގުރުއަތުން ހޮވާނެ ކަމަށެވެ. އެ އިވެންޓް ހޯމަ ދުވަހުގެ މެންދުރު 2:30 އިން 5:00 އަށް ޕީއެސްއެމުން ލައިވް ވެސް ކުރާނެ އެވެ.
ރާއްޖެ އަށް މި އަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ.
އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދަން ނަގަނީ 76،960ރ. އެވެ. މި ކޯޓާގައި ހައްޖަށް ދާން ހޮވޭ މީހުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެ އެވެ.
ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މި މަހުގެ 26 ވަނަ ދުވަހު ފުރާނެ އެވެ. ފުރަތަމަ ބުރުގައި ފުރާނީ 157 މީހުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 7 ގަ ހެވެ.