އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި މީހަކު އަދިވެސް ހައްޔަރު ނުކުރާކަން އެނގިއްޖެ އެވެ.
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ. އެ މާރާމާރީގައި ވަޅިން އޭނަގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްފައިވެ އެވެ. ހާއްސަކޮށް ބުރަަކަށީގެ އެތައް ތަނަކަށް ހަމަލާ ދީފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ވަރަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި މާރާމާރީ ހިންގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެރޭ މެންދަމު 3:00 އެހާކަށްހާ އިރު އެވެ. އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިންގީ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ޖެހުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ފޭދޫގައި މާރާމާރީއެއް ހިންގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު 19 އަހަރުގެ ޒުވާނަކު މާލެ ފޮނުވައި އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
އޭނަގެ ބޮލަށް ދަގަނޑުބުރިއަކުން ދިން ހަމަލާއެއްގައި ބޯފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވެ އެވެ.