އެމެރިކާއިން ރާއްޖެއަށް 100،000 އަށްވުރެއް ގިނަ ކޮވިޑް-19 ގެ ވެކްސިން ހަދިޔާކޮށްފިއެވެ.
އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިނެވެ.
މިފަހަރުގެ ހިލޭ އެހީއަކީ 2021 އާއި 2022 ޖެނުއަރީ މަހު ތެރޭގައި ރާއްޖެއަށް ހަދިޔާކުރި ޖުމުލަ 439،920 ޑޯޒުގެ ފައިޒާ ބަޔޯއެންޓެކްގެ ވެކްސިންގެ މައްޗަށް ބިނާކޮށް ފޯރުކޮށްދޭ އެހީއެއް ކަމަށް ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
"ވެކްސިން ހަދިޔާކުރުން ހިމެނޭގޮތަށް ޔޫއެސްގެ ކޮވިޑް-19 އަށް ދިން އިޖާބައަކީ އެމެރިކާ ރައްޔިތުންގެ ހަގީގީ ދީލަތިކަން ސިފަކޮށްދޭކަމެއް. އަޅުގަނޑުމެން މިދަނީ އެމެރިކާ ސައިންޓިސްޓުންނާއި އުފެއްދުންތެރިކަމުގެ ހުށިޔާރުކަމާއި، އަޅުގަނޑުމެންގެ ލޮޖިސްޓިކްސް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ގުޅުވައި، ދުނިޔެ ވެކްސިނޭޓްކުރުމަށް އެހީތެރިވަމުން" ޔޫއެސް މިޝަން މޯލްޑިވްސްގެ ޝާޖޭ ޑި އެފައާޒް އެންޑްރިއާ އެޕެލް ވިދާޅުވިއެވެ.
ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ބުނެފައިވަނީ ކޮވިޑް-19 ފެތުރެން ފެށިފަހުން އެމެރިކާގެ ފަރާތުން 7 މިލިއަން ޑޮލަރަށްވުރެއް ގިނަ ކޮވިޑް-19 ގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 60 ވެންޓިލޭޓަރު ހަދިޔާ ކޮށްފައިވާކަމަށާއި، މި އެހީތެރިކަމުގެ ތެރެިން ފުރާނަ ސަލާމަތްކުރަނިވި ފަރުވާދެވި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކޮށް، ކޮވިޑާ ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްތަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.