Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

42 ކިލޯގެ ޑްރަގްސް: ފުލުހުން އަމަލުކުރި ގޮތް ބަލަން މަޖިލީހަށް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާގައި ހުއްޓައި ފެނުނު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި މައްސަލަ އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސައިން ،39، އާއި މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދު، 46، އެވެ.

އެ ދެ މީހުންނަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ ފުލުހުންގެ ތަހުގީގުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ.

މިމައްސަލައިގައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމައްސަލާގައި ފުލުހުންގެ މައްޗަށް ޕީޖީން ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތްނަމަ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށް އުޝާމް ވިދޅާުވިއެވެ. އަދި މިމައްސަލާގައި ފުލުހުން އަމަލުކުރިގޮތް އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިމައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާ ޕީޖީން ބުނެފައިވަނީ، މިމައްސަލައިގައި މަސްތުވާތަކެތި އަތުލައިގަތް މ. ލަވްނެސްޓްގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި ގޭގެ ވެރިފަރާތަކީ ކާކުކަން ފުލުހުންނަށް އެނގޭއިރު އެގެ ބަލައި ފާސްކުރުުގެ ހުއްދަ ފުލުހުން ހޯދީވެސް އެހެން މީހަކު އަތުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެއިތުރުން މި މައްސަލައިގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައި ނުވުމަކީ ވެސް ދައުވާ ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި މިމައްސަލައިގެ ސީންގައި ކަން ހިނގި ގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.