Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ގަން އެއާޕޯޓަކީ މިހާރު ޖޭއައިޖީގެ މެމްބަރެއް

ޖެޓް ފިއުލް ފޯރުކޮށް ދިނުމުގައި ގެންގުޅޭ އިންޓަނޭޝަނަލް މިންގަނޑުތަކާ އެކު ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު އޭވިއޭޝަން ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕް (ޖޭއައިޖީ) ގެ މެމްބަރެއް ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ހިންގާ އެއާޕޯޓް ޖޭއައިޖީގެ މެމްބަރަކަށްވުމަކީ ރާއްޖޭގެ އެއާޕޯޓެއް އެތަނުގެ މެމްބަރަކަށްވި ފުރަތަމަ ފަހަރު ވެސް މެ އެވެ. މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިފަދަ ކުރިއެރުންތައް ހޯދަން ގަން އެއާޕޯޓުން އަބަދު ވެސް މަސައްކަތްކުރާނެ ކަމަށެވެ.

އެތަނުން ބުނީ ޖޭއައިޖީގެ މެމްބަރުކަން ލިބުނީ ގަން އެއާޕޯޓުން ޖެޓް ފިއުލް ފޯރުކޮށް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި އުސޫލުތަކާއި ހިދުމަތުގެ ކޮލިޓީ އެ ޖަމިއްޔާ އިން އިންސްޕެކްޓްކުރުމަށް ފަހު ކަމަށެވެ.

"އެހެންވީމަ މި ރޮނގުން ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓްތަކުގެ ތެރޭގައި ގަން އެއާޕޯޓް ހިމެނިގެން ދިއުމަކީ ކުރިއަށް އޮތް ތަނުގައި ވެސް އެއާޕޯޓްގެ ފިއުލް ފެސިލިޓީ އޮޕަރޭޝަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރެވިގެން ދާނެ ކަމެއް." ގަން އެއާޕޯޓުން ބުންޏެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް މި އެއާޕޯޓަކީ މިހާރު އެންމެ ބޮޑެތި ބޯޓްތަކަށް ޖެއްސޭ ފެންވަރުގެ ރަންވޭއެއް އޮތް ތަނެކެވެ. އަދި މިއީ ދުނިޔޭގެ ބޮޑެތި ޕްރައިވެޓް ޖެޓްތައް ވެސް އެންމެ ގިނައިން އަންނަ ރާއްޖޭގެ އެއާޕޯޓްތަކުގެ ތެރެއިން އެއް ތަނެވެ.

މި ވަގުތު ގަމަށް ޝެޑިއުލް ދަތުރުކުރަނީ ހަމައެކަނި ބޭރުގެ އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސް އެވެ. އަދި ރާއްޖޭގެ ދެ ޑޮމެސްޓިކް އެއާލައިނަކުން ގަމަށް ދަތުރުކުރެ އެވެ. އެއީ މޯލްޑިވިން އާއި މަންޓާ އެއާ އެވެ.