Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ހައްޖަށްދާ ފުރަތަމަ ގުރޫޕްގެ ފުރުން 26 ގައި

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިސްމާއިލް ހަމީދު ވިދާޅުވީ ހައްޖަށްދާ ފުރަތަމަ ގްރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރާނެ ކަމަށެވެ. އަދި އެ ބުރުގައި 157 މީހުން ފުރާނެ ކަމަށާއި، އަދި އޭގެ ފަހުން އެކި ދުވަސްމަތިން ހައްޖަށް ދިއުމަށް މީހުން ފުރާނެ ކަމަށެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިޔުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ޖާގައެވެ. މި ހުރިހާ ޖާގައެއްވެސް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ބާކީ 100 ޖާގައަށް އެދުނު މީހުންގެ ތެރެއިން ފުރުސަތު ލިބޭ މީހުން އަންނަ ހޯމަ ދުވަހު ގުރުއަތުން ހޮވާނެ ކަމަށާއި، އެ އިވެންޓް ހޯމަ ދުވަހުގެ މެންދުރު 2:30 އިން 5:00 އަށް އޮންނާނެކަމަށެވެ.

އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދަން ނަގަނީ 76،960 ރުފިޔާއެވެ. މި ކޯޓާގައި ހައްޖަށް ދާން ހޮވޭ މީހުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.