ގއ. ވިލިގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅާ އިނގިލި ބުރިކޮށްލި މައްސަލައިގައި ބަންދު ކުރި މީހާ ދޫކޮށްލައިފިއެވެ.
މި ހާދިސާ ގުޅިގެން ހައްޔަރުކޮށްފައި ހުރީ، ޗެރީ ހައުސް އަލީ ހަސަން، 35، އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު 3 ވަނަ ދުވަހުއެވެ.
އެ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވި އިރު، އިނގިލި ބުރިވި މީހާ އަކީ އަލީގެ ކުރީގެ އަންހެނުންގެ ދައްތައެކެވެ. އޭނަގެ އަތުގައި ދަތް އަޅައި އެއް އަތުގެ މެދު އިނގިލީގެ ކުރި އެއްކޮށް އޮތީ ބިރުކޮށްލައިފައެވެ. މި މާރާމާރީގައި އިނގިލި ބުރިކޮށްލި މީހާގެ އިތުރުން ތިން މީހަކަށް ވެސް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި އަލީގެ ކުރީގެ އަންހެނުންނާއި އޭނަގެ މަންމަ އަދި އެ އާއިލާގެ ފިރިހެނަކު ވެސް ހިމެނެއެވެ.
މިމީހާ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިހުރިއިރު، އިއްޔަ ވަނީ ބަންދު ރިވިއު ކުރަން ކޯޓަށް ގެންގޮސްފައެވެ. އަދި ކޯޓުން އެމީހާ ވަނީ ދޫކޮށްލާފައެވެ.