Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

މަސްދަޅު އަގުބޮޑުކުރުން ހުއްޓާލަން ޖެހޭ: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ދިވެހިންނަށް މަސްދަޅު އަގުބޮޑުކޮށް ވިއްކުން ހުއްޓާލަންޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިފްކޯއިން މަސްދަޅު ކޭސްތަކުގެ އަގު 150 ރުފިޔާއިން ބޮޑު ކޮށްފައިވާއިރު، ހޮރައިޒަން ފިޝަރީޒްއިން ވިއްކަމުންދާ "މާންދޫ މަސްދަޅު"ގެ އަގު ބޮޑުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަށް މަސްދަޅު އަގުބޮޑުކޮށް ވިއްކުން ސަރުކާރުން ހުއްޓާލަންޖެހޭ ކަމަށެވެ.

"މިޙާލަތުގައި، އިމްޕޯޓުކޮށްވިއްކާ ބާވަތްތަކާއި އެއްހަމައެއްގައި ސަރުކާރުން ސަބުސިޑައިޒްކުރާ ބާވަތްތައް ހިމެނުންދެކޮޅުޖެހޭބާ؟ ސަބްސިޑައިޒްކުރަނީ ރައްޔިތުންގެ ޓެކްސްފައިސާއިން ހިތުހުރިވަރަކަށް." ސައީދުގެ ޓްވީޓްގައިވެއެވެ.

މަސްދަޅު ކޭސްގެ އަގު ބޮޑު ކުރުމާ ގުޅިގެން އެކަމުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަގަށް މި ގެނައި ބަދަލާ އެކު މިފްކޯގެ ތެޔޮ މަސް ކޭހެއްގެ އަގު މިހާރު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއް ދެން ލިބޭނީ 715ރ. އަށެވެ.