Last Updated: June 29, 21:20
Monday, June 29, 2026

އައްދު ވެސް ރައްޔިތުންނާ ބައްދަލު ކުރަނީ

އަލަށް ހުވާކުރި އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫގެ ރައްޔިތުންނާއި އާއްމުކޮށް ބައްދަލުކުރުމަށް ނިންމާފައިވާކަމަށް ހުޅުމީދޫ ދާއިރާ ތަމްސީލް ކުރައްވާ އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް އައްދު ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުމީދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ހުރިހާ ކައުންސިލަރުން ދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ގަޑި އާއި ތަނެއް އަދި ރަސްމީކޮށް ނިންމާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ 13 ވަނަ ދުވަހު ކައުންސިލަރުން ހުޅުމީދޫ އަވަށުގެ އޮފީސްތަކާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ހުރި މައްސަލަތައް ބަލާނެ ކަމަށެވެ.

އަލަށް ހުވާކުރި ކައުންސިލަރުން ވަނީ އެލްޖީއޭގެ އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމައި މިރޭ ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ނިންމައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދެވަނަ ދައުރަށް ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަކި ކުލައަކަށް ބެލުމެއް ނެތި އައްޑޫގެ ތަރައްޤީ އަށް މަސައްކަތް ކުރައްވާނެ ކަމަށް ހުރިހާ ކައުންސިލަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.