މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫ ފޭދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލުމާ ގުޅިގެން އަދި މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމަކު އެ ހާދިސާގެ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަނީ ވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.
"އައްޑޫ ޕޮލިހާއި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން އަންނަނީ މިކަން ތަހުގީގުކުރަމުން." އޮފިޝަލް ވިދާޅުވި އެވެ. "އަދި މި މައްސަލާ ގުޅިގެން ހޯދަން ޖެހޭ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން."
ފޭދޫގައި ބުދަ ދުވަހުގެ ރޭގެ މެންދަމު ދެ ގްރޫޕެއްގެ މެދުގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގައި ހަށިގަނޑު އެތައް ތަނަކަށް ތޫނު އެއްޗެހި ހެރުމުން ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެނިކޮށް ބުރާސްފަތި ދުވަހު ހެނދުނު މަރުވީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އެވެ.
މި ހާދިސާ ހިންގިތާ ތިން ދުވަސްވީ އިރު، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުނުކުރެވި ލަސްވާތީ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ވަރަށް އިތުބާރު ހުރި ގޮތަަކަށް "އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގުމުގައި ޝާމިލުވި ބައެއް މީހުން ވަނީ ބުރާސްފަތި ދުވަހު އައްޑޫން ފުރައިގެން ގޮސްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މި މާރާމާރީ އަކީ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި މަސްތުވާތަކެއްޗާ ހެދި ޖެހުނު މައްސަލަތަކެއްގައި ހިންގާފައިވާ މާރާމާރީއެކެވެ. ޒަޔާނަށް ހަމަލާދިން މާރާމާރީގެ ކުރިން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ދަގަނޑުބުރިއަކުން ޖަހައި ފޭދޫގެ 19 އަހަރުގެ ޒުވާނެއްގެ ބޯ ވެސް ފަޅާލާފައިވެ އެވެ.
އެ ހާދިސާގައި އޭނަގެ ސިކުނޑި އަށް ލޭ އެޅި މި ވަގުތު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
މި މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް، އަމާންކަން ގާއިމުކޮށްދޭން ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ. އަދި މާރާމާރީ ހިންގި މީހުން ހޯދައި އެ މީހުންނަށް ހައްގު އަދަބު ދޭން ވެސް ކައުންސިލުން ގޮވާލާފައިވެ އެވެ.