Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އައްޑޫގައި މިއުޒިކް ޝޯ ބާއްވަން މަޝްވަރާކުރުމުން ކަންބޮޑުވުން

އައްޑޫގައި މިއުޒިކް ޝޯ ބާއްވަން މަޝްވަރާކުރުމުން ދީނީ ޖަމިއްޔާއެއް ކަމަށްވާ މިޝްކަތް ފައުންޑޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ދެމެދު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ އިރު މި ބައްދަލުވުމުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް އެންސީއޭ އިން މާލޭގައި ބާއްވަމުން އަންނަ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" މި އަހަރު އައްޑޫގައި ބާއްވަން މަޝްވަރާކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން މިޝްކަތް ފައުންޑޭޝަނުން ބުނީ މީގެ ކުރިއާ ހިލާފަށް މި ފަހުން އައްޑޫގައި މިއުޒިކް ޝޯތައް ބޭއްވުން ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް އިސްލާމް ދީނުގެ މަތިވެރި ޝިއާރެއް ކަމަށްވާ އީދު ފަދަ ކަމަކާ ގުޅިގެން މިކަން ކުރުން ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"މިކަން މިހެންވެފައި ވަނިކޮށް އަނެއްކާ ވެސް މިފަދަ މުންކަރާތްތަކަށް ފުރުސަތު ހުޅުވާ ނުލުމަށް އައްޑޫ ސިޓީ ކައުންސިލަށް ގޮވާލާ" ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ އިރު، ބޮޑު އީދު ފާހަގަކުރަން އައްޑޫގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.