ކީރިތި ރަސޫލާ އަށް ފުރައްސާރަކުރާއިރު ދިވެހި ހާރިޖިއްޔާ އިން ހަމަހިމެނޭކަން އިހުތިޔާރުކޮށްގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ގައުމުގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެވޭ ހިނދު، ދިވެހި ޚާރިޖިއްޔާ އިން ހަމަހިމޭންކަން ޚިޔާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި މިއުންމަތުގެ ޝަރަފާއި ފަޚުރުކަމުގައިވާ މާތް ނަބިއްޔާއަށް ފުރައްސާރަ ކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި މުސްލިމު ސަރުކާރުތަކުން ބަސް ބުނަންޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެވޭ ހިނދު، ދިވެހި ޚާރިޖިއްޔާ އިން ހަމަހިމޭންކަން ޚިޔާރުކޮށްގެން ނުވާނެ. މިއުންމަތުގެ ޝަރަފާއި ފަޚުރުކަމުގައިވާ މާތް ނަބިއްޔާއަށް ފުރައްސާރަ ކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި މުސްލިމު ސަރުކާރުތަކުން ބަސް ބުނަންޖެހޭ.@MoFAmv @MVIaffairs
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 5, 2022
ނުފުރް ޝަރުމާ ދެއްކި ވާހަކަތަކާ ގުޅިގެން ބީޖޭޕީން އިއްޔެ ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާ ވަނީ އެ ވާހަކަތައް އަނބުރާ ގެނެސްފަ އެވެ.
ޝަރުމާގެ ވާހަކަތަކާ ގުޅިގެން ބީޖޭޕީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެ ވާހަކަތައް އިސްލާމީ ގައުމުތަކުންނާއި ޖަމިއްޔާތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.