މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިސަރުކާރުން އަމަލުކުރަމުން އަންނަނީ މީގެ ކުރިން ވެސް އެކަމުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.
ތާރިގް ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުންނެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މިސަރުކާރުން ތަންފީޒުކުރާނެތޯ ސުވާލުކޮށްފައިވެއެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުންއައި ސިޔާސަތަކީ، އެކަމާ ގުޅޭގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
އިމްރާން ވިދާޅުވީ މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން ކަމަށާއި، މިއީ ޒަމާނުއްސުރެއް މިރާއްޖޭގައި މަރުގެ ހުކުމުގެ މައްސަލަތަކުގައި އަމަލުކުރަމުން އައި ގޮތް ކަމަށެވެ.
"ވޭތުވެދިޔަތަނުގައި އެކިސަރުކާރުތަކުން ސިޔާސީ ބޭނުމުގައި އެކިފަހަރު އެކިގޮތަށް އެކިތަންތަނުގައި މަރުގެ ހުކުމާ ގުޅުވައިގެން، ވާހަކަދައްކާފައި ވީނަމަވެސް، މިމައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމުހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. އަދި ވޭތުވެދިޔަ ސަރުކާރުގައި އެކަން ތަންފީޒު ނުކޮށް އޮތީ މިމޭރުމުން ކަމުގައި އަޅުގަނޑު ދެކެން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި މިނިސްޓަރު އިމްރާން ދެއްވި މިޖަވާބަށްފަހުވެސް ބައެއް މެމްބަރުން ވަނީ މަރުގެ ހުކުމް ތަންފިޒުކުރާނަންތޯ ނުވަތަ ނޯންތޯ ތަކުރާރުކޮށް ސުވާލު ކޮށްފައެވެ.
އެހެންނަމަވެސް އެ ސުވާލަށް ޖަވާބު އަރުވާފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުންވެސް އަދި މިނިސްޓަރުވެސް އެކަމާ ގުޅޭ އިތުރު ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކަމަށްބުނެ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެެހެންނަމަވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ.