Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ރަސޫލާ އަށް ފުރައްސާރަކުރުން އަދާލަތުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އަދާލާތު ޕާޓީން ކުށްވެރިކޮށްފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ބީޖޭޕީގެ ތަރުޖަމާނު ރަސޫލާގެ ކައިވެނިފުޅުތަކާ ބެހޭ ގޮތުން ދައްކާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ، ތައުހީނުކޮށް އަވައްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ތަރުޖަމާނު ދެއްކި ވާހަކަތަކަކީ މުޅި އިސްލާމީ އުއްމަތާ ދެކޮޅަށް ދެއްވި ވާހަކަތަކެއް ކަމަށެވެ.

އަދާލަތުން ބުނީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް، އިސްލަމް ދީނަށް ފުރައްސާރަކޮށް، އެތައް މިލިއަން މުސްލިމުންގެ ލޯތްބާއި ޣައިރުމުސްލިމުންގެ ލޯބި ވެސް ލިބިފައިވާ ޝަޚުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހަންމަލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީން ބުނީ ބައެއް މީހުން ނުރުހުނަސް ދުވަހުން ދުވަހަށް ކީރިތި ރަސޫލާގެ ޝަޚުސިއްޔަތުން ނަމޫނާ ލިބިގަންނަ ޣައިރު މުސްލިމުން ގިނަވާ ކަމަށެވެ.

"ހަމައެހެންމެ އެކަލޭގެފާނު ޝަޚްސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުންނެއް އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ވެސް އެފަދަ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. އަދި މި ހަޑިމުޑުދާރު އަމަލު އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ." ބަޔާނުގައި ބުންޏެވެ.

ބީޖޭޕީގެ ގައުމީ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ ނުޕޫރް ޝަރުމާ ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަ ދެއްކީ ޓީވީ ބަހުސެއްގެ ތެރޭގަ އެވެ.

އަދި އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ބީޖޭޕީ އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވަޑައިގަންނަވާ ބީޖޭޕީ އަކި އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ބަޔަކު އޮތް ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެއްކަމެވެ.

އިންޑިއާ އަކީ މިހާރު ވެސް މުސްލިމުންނަށް އެތައް ތުރާލެއްކުރާ ގައުމެކެވެ.

ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ ވަރަށް އިސްމާލީ ގިނަ ގައުމުތަކުން އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.