Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ރަސޫލާއަށް ފުރައްސާރަކުރާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިނުވާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނަކު ރަސޫލާއާ ގުރުއާނަށް ފުރައްސާރަ ކުރުމުން އެކަމުގައި އެހެން ގައުމުތަކުން ނުރުހުން ފާޅުކޮށް އިހުތިޖާޖުކުރަމުން އަންނަކަމަށެވެ.

އެހެންނަމަވެސް އެ މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން ދައްކާފައިވާ ވާހަކަތައް ކުށްވެރިކޮށް އެކަން ކުށްވެރިކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.