Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

މަޖިލީހުން ފަނޑިޔާރަކު ވަކިކޮށްފިނަމަ، ވަކީލުކަމުގެ ހުއްދަ ބާތިލުވާ އިސްލާހެއް ހުށަހަޅައިފި

މެމްބަރު އިކްރާމް ހަސަން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު މަގާމުން ވަކިކޮށްފިނަމަ، އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ މި ބިލު ހުށަހަޅާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންއެވެ. އިކްރާމް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ށ ގެ ފަހަތަށް ފަސް އަކުރެއް އިތުރު ކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ދިވެިހރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ފަނޑިޔާރު ކުރި އަމަލަކީ ޤާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމުގައި ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށެވެ.

އަދި އެގޮތުގެ މަތިން ވަކީލުކަމުގެ ހުއްދަ ބާތިލުކުރެވިއްޖެނަމަ، އެ މީހަކަށް ދެން ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރެވޭނީ، އެ ތާރީހުން ފެށިގެން 5 އަހަރު ދުވަސް ފާއިތުވުމަށްފަހު، އަދި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްފަހު ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވެނީ އެކަށީގެންނުވާ ބޮޑު އަމަލެއް ކޮށްގެން ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ސާބިތުވެއްޖެނަމަ، ދެން އަލުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުލިބޭނެ ކަމަށެވެ. އަދި "ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ބޮޑު އަމަލެއް ކުރުން" ކަމަށް ބުނެފައިވަނީ، ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ފަރާތަކުން ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއް ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާފައިވާ އަމަލެވެ.

އިކްރާމް ހުށަހަޅާފައިވާ އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ފަނޑިޔާރަކު ވަކިކުރުމަށް ޖޭއެސްސީން ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރަކު އިސްތިއުފާދީފިނަމަވެސް، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށެވެ.