ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ ކަމަށްވާ "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" ގެ މިއަދުގެ އިވެންޓް އައްޑޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އައްޑޫގައި އެކްސްޕޯ ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ހިތަދޫ ނޫރާނީ ސްކޫލްގަ އެވެ. މެލޭޝިއާގެ އެތައް ޔުނިވަސިޓީއަކުން ބައިވެރިވާ މި އެކްސްޕޯ އަކީ އެ ގައުމުގައި ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ދެނެގަތުމާއި ފުރުސަތުތަކަށް އެދެން މަގުފަހިކޮށްދޭ އެކްސްޕޯއެކެވެ.
މި އަހަރުގެ އެކްސްޕޯ މިއަދު އައްޑޫން ނިންމައިލާ އިރު، އެކްސްޕޯ ފެށީ މި މަހުގެ 2 ގައި ހދ. ކުޅުދުއްފުށިންނެވެ. އަދި އިއްޔެ ފުވައްމަލުގައި އެކްސްޕޯ ބޭއްވި އިރު، މި މަހުގެ 3 އާއި 4 ގައި އެކްސްޕޯ އޮތީ މާލޭގަ އެވެ.
"އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ" ރާއްޖޭގައި ބާއްވަން ފެށި ފަހުން އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި މި އެކްސްޕޯގެ ބޭނުން ހިފައިގެން މަތީ ތައުލީމަށް އެ ގައުމަށް ދާ މިހާރު ގިނަ އެވެ.