Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އުސޫލާ ހިލާފުވާ ފުލުހުންނަށް ފިޔަވަޅު އަޅަން: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުސޫލާ ހިލާފުވާ ފުލުހުންނަށް ފިޔަވަޅު އަޅާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ފުލުހުންގެ ތެރޭގައި އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތެއް ފާހަގަވެފައިވޭތޯ ސުވާލުކޮށްފައެވެ. އަދި އެފަދަ ފަރާތްތަކާ މެދު އަމަލުކޮށްފައިވާ ގޮތަކާ ގުޅޭގޮތުންވެން އާމިރު ސުވާލުކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ ތެރޭގައި އުސޫލާ ހިލާފަށް އަމަލުކުރާ ފުލުހުން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާ ކަމަށާއި، އެގޮތުން އެކި ފިޔަވަޅު އަޅަމުން ގޮސް ބައެއް ފަރާތްތައް މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މިދިޔަ ހަ މަސްދުވަހުގެ ތެރޭގައިވެސް އެތައް ފުލުހުންނެއް އުސޫލާ ހިލާފަށް ކަންކަން ކޮށްގެން، ވަޒީފާއިން ވަކިކުރުމަށް އަޅުގަނޑު ސޮއި ކޮށްފަ ހުންނާނެ." އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި އުސޫލާއި ގަވައިދުތައް އިނގިތިބެ، ގަސްތުގައި ގޯސްހަދާ ފުލުހުން ތިބިކަމަށް ކުރެވޭ ތުހުމަތު އަންނަނީ އިތުރުވަމުންނެވެ.

މިފަހުން މިފަދަ ވާހަކައެއް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ދެއްކެވިނަމަވެސް، އިމްރާން އެ ވާހަކަ އޭރު ދޮގުކޮށްފައިވެއެވެ.