Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ހޯމް މިނިސްޓަރު އިމްރާނަށް ޝަހީމްގެ ރައްދެއް

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވެސް މީގެ ކުރިން ވެސް ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ގެންގުޅެމުން އައި އުސޫލު ކަމަށެވެ. މިނިސްޓަރުގެ އެ ވާހަތަކާ ގުޅިގެން ޝަހީމު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ އެންމެހާ ތައްޔާރީތަކާއި ގަވައިދުތައް ހުރީ ހަދައި ނިންމާފައި ކަމަށެވެ.

"އޭގެ އެންމެހާ އުސޫލުތައް ކެބިނެޓުން ފާސް ވެސް ކުރި. ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން ބޭނުންވި އެއް ސަބަބު އެއީ." އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޫ އުސޫލުތައް ކެބިނެޓުން ނިންމި އިރު އެކަމާ ބެހޭ ގޮތުން އިސްލާމީ ޝަރީއާގައި އޮތް ގޮތް ސާފުކުރައްވަން އޭރުގެ ރައީސް ޔާމީން އިސްލާމީ އިލްމުވެރިން ގެންދަވައި މައުލޫމާތު ވެސް ހޯއްދެވި އެވެ. އަދި މިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ޖަވާބެއް މި ވަގުތު ދެއްވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"މި ތާރީހީ ހަގީގަތް ފާހަގަކުރުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެން." ޝަހީމް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖޭގައި އަދިވެސް އޮތީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުގެ ސްޓޭންޑަކީ ވެސް ހަމަ އެއީ ކަމަށެވެ.

"މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.