Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

މަރުގެ ހުކުމް ތަންފީޒުނުކުރުމުގެ ބާރެއް ނެތް: ޖަމީލު

މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒުނުކުރުމުގެ ބާރެއް ސަރުކާރަށް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މި ސަރުކާރުގެ ވެސް އޮތީ ކުރިން ރާއްޖޭގައި ދަމަހައްޓަމުން އައި އުސޫލު ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އެކަމާ ގުޅުވައިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހާމަވެގެން ދިޔައީ ދީނަށް ވުރެ އިމްރާނަށް މަގާމު މުހިއްމުވިން ކަމަށެވެ.

"ދީނަށް ވުރެ އިމްރާނަށް އަށް މަގާމު މުހިންމުވީ މިންވަރު މިއަދު ހާމަވެެއްޖެ،" އޭނާ ވިދާޅުވި އެވެ. މާތް الله ގެ ޙުކުމަށް ގޮންޖެހީ؟ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ. އެ މީހުން ޖަލުގައި ގެންގުޅެނީ ކޮން ޤާނޫނަކުން ބާރުލިބިގެން؟"

މި މައްސަލާގައި އިމްރާނަށް ޖަމީލު ފާޑު ވިދާޅުވި އިރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖޭގައި އަދިވެސް އޮތީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުގެ ސްޓޭންޑަކީ ވެސް ހަމަ އެއީ ކަމަށެވެ.

"މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ އެންމެހާ ތައްޔާރީތަކާއި ގަވައިދުތައް ހުރީ ހަދައި ނިންމި ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ އެންމެހާ އުސޫލުތައް ކެބިނެޓުން ފާސްކުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޫ އުސޫލުތައް ކެބިނެޓުން ނިންމި އިރު އެކަމާ ބެހޭ ގޮތުން އިސްލާމީ ޝަރީއާގައި އޮތް ގޮތް ސާފުކުރައްވަން އޭރުގެ ރައީސް ޔާމީން އިސްލާމީ އިލްމުވެރިން ގެންދަވައި މައުލޫމާތު ވެސް ހޯއްދެވި އެވެ.