Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އަޅުގަނޑުގެ ވެރިކަމެއްގައި ގިސާސް ހިފާނަން: އުމަރު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ވިސްނައި އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމުކުރި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަރުކެގެ ހުކުމް ތަންފީޒުރާނެތީ ބެލުމަށް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖޭގައި އަދިވެސް އޮތީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުގެ ސްޓޭންޑަކީ ވެސް ހަމަ އެއީ ކަމަށެވެ.

"މިއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްވީޓްތަކުރެއްވި އެވެ. ޖަމީލު ވިދާޅުވީ މިއަދު ހާމަވީ ދީނަށް ވުރެ އިމްރާނަށް މަގާމު މުހިއްމުވުން ކަމަށެވެ.

ޝަހީމް ވިދާޅުވީ ޔާމިންގެ ވެރިކަމުގައި ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ އެންމެހާ ތައްޔާރީތަކާއި ގަވައިދުތައް ހުރީ ހަދައި ނިންމި ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ އެންމެހާ އުސޫލުތައް ކެބިނެޓުން ފާސްކުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޫ އުސޫލުތައް ކެބިނެޓުން ނިންމި އިރު އެކަމާ ބެހޭ ގޮތުން އިސްލާމީ ޝަރީއާގައި އޮތް ގޮތް ސާފުކުރައްވަން އޭރުގެ ރައީސް ޔާމީން އިސްލާމީ އިލްމުވެރިން ގެންދަވައި މައުލޫމާތު ވެސް ހޯއްދެވި އެވެ.

އަދި ޝަހީމް ވަނީ އޭރުގެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން މި ވަގުތު އުމަރުގެ ބަހެއް ވެސް މުހިއްމު ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އުމަރު މިއަދު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓް ވެސް ކުރި ކަމަށެވެ.

"އަޅުގަނޑުގެ މިނިސްޓަރުކަމުގައި ސުޕްރީމް ކޯޓުގެ މަރުޙަލާ ނިމިފައި ހުރި އެއްވެސް ޤައިދީއަކު ނެތް. އެ މަރުހަލާ ނިމިގެން އަޅުގަޑާ ހަމައަށް އައި ނަމަ، އަދި ވާރިސުން އެދޭ ނަމަ، މަރުގެ އަދަބު ތަންފީޒު ކުރެވުނީސް." އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ގިސާސް ހިފަންވީތޯ ނުވަތަ މައާފްކުރަންވީތޯ އެއީ ދައުލަތަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި އެއީ މަރުވި މީހާގެ ވާރިސުންގެ ހައްގެއް ކަމަށެވެ.

"އެ މީހުން އެދޭ ނަމަ ގިސާސް ހިފަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާ ރާއްޖޭގެ ވެރިކަމަށް ވަޑައިގެން މަގާމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ގިސާސް ހިފާނެ ކަމަށެވެ.

"ކުށްވެރިންނަށް ހައްގު އަދަބު ލިބޭނެ. އާއިލާތަކަށް އިންސާފު ލިބިދެވޭނެ. އަމާން ޤައުމަކަށް ރާއްޖެ ބަދަލުވާނެ." އޭނާ ވިދާޅުވި އެވެ.