Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ހުރިހާ މުސްލިމުންގެ ކިބައިން އިންޑިއާ މައާފަށް އެދެންޖެހޭ

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - ފޮޓޯ: އެމްއެންޕީ

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ހުރިހާ މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް އިންޑިއާ އަށާއި ބީޖޭޕީ އަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަތަކަކީ ރަސޫލާގެ އިތުރުން މުޅި އިސްލާމީ އުންމަތާއި ދެކޮޅަށް ބުނެފައިވީ ބަސްތަކެއް ކަމަށާއި ރަސޫލާ އަކީ މުޅި އިސްލާމީ އުއްމަތާއި، އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއްގެ އިތުރުން އެތަކެއް ޤައިރު މުސްލިމުންގެ ލޯތްބާއި ޤަދަރުލިބިގެންވާ މާތް ޝަހުޝިއްޔަތެއްކަމުގައި ވީހިނދު، އެކަލޭގެފާނުގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލުކޮށް ކެތްކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އިންޑިޔާއަށާއި، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އެމްއެންޕީން ވަނީ ގޮވާލާފަ އެވެ.

އިސްލާމްދީނަކީ އެންމެ މާތް އެންމެ މަތިވެރި ދީން ކަމަށާއި ކީރިތި ރަސޫލާ އަކީ މުޅި އުންމަތަށް ރަހުމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ ކަމަށްވާއިރު އެކަލޭގެފާނަކީ އެންމެހާ މުސްލިމުންގެ ހިތްތަކުގައި މާތްކަމާއި ލޯބި ލިބިގެންވާ ފަރާތްކަން އެމްއެންޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މިހެންކަމުން އިންޑިޔާގައި ދިރިއުޅޭ އެތައް މިލިޔަން މުސްލިމުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް މިފަދަ ސާބިތު ނުހިފޭ ވާހަކަ ކުރިޔަށް އޮތް ތަނުގައިވެސް ތަކުރާރު ނުކުރުމަށް އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއަށް ގޮވާލާހާލު، ދީނީ ތަފާތުކުރުންތަކުން އެއްކިބާވެ ތިބެ، ޒިންމާދާރުކަމާއި އޯގާތެރިކަމާއި އެކު ރައްޔިތުންނާއި މުހާތަބުކޮށް، ރައްޔިތުންނާއި ދޭތެރޭ އަމަލުކުރުމަށް ގޮވާލަން" އެ ބަޔާނުގައިވެ އެވެ.