Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރަސޫލާ އަށް ކުރި ފުރައްސާރަ ރާއްޖޭން ކުށްވެރިކޮށް

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެ ރިންތަކެއް ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.

"…އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން އިސްލާމް ދީނާއި މާތް ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވެ އެވެ." ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ވަނީ ބީޖޭޕީގެ ބައެއް އޮފިޝަލުންގެ އަމަލު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކުށްވެރިކޮށް އަދި އެކަމުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅާފައިވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށް ވެސް ބުނެފަ އެވެ.

ބީޖޭޕީގެ އިސް ދެ މީހަކު ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ. ރަސޫލާ އަށް ފުރައްސާރަކުރީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު އާއި ނަވީން ކުމާރެވެ.

ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެކެވެ.