Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ރަސޫލާއަށް ފުރައްސާރަކުރުން އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީގެ އިސްވެރިން: ފޮޓޯ-ޕީއެސްއެމް

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ބީޖޭޕީގެ އިސްތަރުޖަމާނު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި އިންތިހާއަށް ނުރުހުން ފާޅުކޮށް، އެއަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

މި އަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށާއި ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިޚްތިރާމްކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"މިއަމަލު ހިންގި ފަރާތާއި ގުޅޭގޮތުން މިހާރު ފިޔަވަޅު އަޅާފައިވާކަމީ މި ޕާޓީ ތަރުހީބުދޭ ކަމެއް" އެ ބަޔާނުގައިވެ އެވެ.

ބީޖޭޕީގެ އިސް ދެ މީހަކު ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެ އާއި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ. ރަސޫލާ އަށް ފުރައްސާރަކުރީ ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރު އާއި ނަވީން ކުމާރެވެ.

ބީޖޭޕީ އަކީ އަބަދު ވެސް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅު ނުބައި އެޖެންޑާއެއް ގެންގުޅޭ ހަރުކަށި ހިންދޫން ނިސްބަތްވާ ޕާޓީއެކެވެ.