މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާންމުކޮށް ހުުވާލައިގެން ހައްޖަށް ދާން ހުޅުވާލި 100 ފުރުސަތަށް ގުރުއަތުން މީހުން ހޮވައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާންމުކޮށްފަ އެވެ.
ގުރުއަތުން ހޮވިފައިވާ 100 ފަރާތުން ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ކަމުގައިވާ 76,960 ރުފިޔާ، އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދެއްކުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.
ގުރުއަތުން ހޮވިފައިވާ 100 ފަރާތުގެ ތެރެއިން ފަރާތެއް އެއްވެސް ސަބަބަކާ ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ވެއިންޓިން ކިއޫގެ ގޮތުގައި ގުރުއަތުން ހޮވިފައިވާ ތަރުތީބުން ޖާގަ ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
ރާއްޖެ އަށް މި އަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެތެރެއިން 100 ޖާގަ ހާއްސަކޮށްފައިވަނީ އާންމުންނަށް ކަމަށްވާއިރު 352 ޖާގައެއް ވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށް ހާއްސަކޮށްފަ އެވެ.
ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މި މަހުގެ 26 ވަނަ ދުވަހު ފުރާނެ އެވެ. ފުރަތަމަ ބުރުގައި ފުރާނީ 157 މީހުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 7 ގަ އެވެ.