ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 40 މެމްބަރުން ވޯޓު ދީފައިވެއެވެ.
ޝަފީގް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައާއި އެއްޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައާއި އަދި ޕާޓީން މެމްބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއްނެތި އަމަލުކުރަމުންދާތީ އާއި ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިފައިވާ "ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު"ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރަމުން ދާކަމަށެވެ.
މައްސަލައިގައި ބުނެފައިވަނީ އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި އަދި އެ ފަރާތްތަކުގެ އިހްތިޔާރު ނަގައިލާ، އެ ފަރާތްތަކުގެ ނަމުގައި ނުހައްޤު މާލީ މަންފާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދާކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންކަމުން މިކަމުގައި ރައްޔިތުންގެ ޝަކުވާ އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ މަޖިލީހަށް މައްސަލަ ހުށަހަޅާ ކަމަށެވެ.