Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ދައުލަތުގެ ރިޒާވާ ގުޅޭ ގޮތުން އަމީރާ ސުވާލު ކުރަނީ

މިނިސްޓަރު އިބްރާހިމް އަމީރު— ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ރިޒާވާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު އަމީރާ ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲއެވެ.

އީވާ ހުށަހަޅާފައިވާ ސުވާލުގައި ބުނެފައިވަނީ، މި ޖޫން މަސް ފެށުނުއިރު ދިވެހިރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރުކަމަށެވެ. އެގޮތުން މި ހިނގާ ޖޫން މަހާއި ކުރިއަށް މިއޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ އަދަދުގެ ޑޮލަރު، ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރާންޖެހޭ ކަމަށާއި، މި 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓްކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށްވެސް ބުނެފައިވެއެވެ.

"މާލީ ކަންކަން މިދެންނެވި މަގުގައި ހުރިއިރު، ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ، ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ؟" އީވާ ހުށަހަޅާފައިވާ ސުވާލުގައިވެއެވެ.

ރާއްޖޭގެ ރިޒާވާ ގުޅޭގޮތުން އީވާ ސުވާލު ހުށަހަޅާފައިވާއިރު މިފަހުން ރައީސް ނަޝީދު ވަނީ އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.