Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ކިޔަވާ ލޯނާއި ސިޔާސީ ކަމަކާ ގުޅުމެއް ނޯންނާނެ: މިނިސްޓަރު

މިނިސްޓަރ ޑރ.އިބްރާހިމް ހަސަން- ފޮޓޯ: މަޖިލިސް

ކިޔަވަން ލޯނު ލިބުމުގައި ސިޔާސީ ވަކި ފިކުރަކަށް ތައީދުކޮށްގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިބްރާހިމް ހަސަން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ އިއްޔަގެ ބައްދަލުވުމުގައި މެމްބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ، ލޯނަކީ ވާދަވެރި އެއްޗަކަށްވާތީ އެއް ފަރާތެއްގެ އެޕްލިކޭޝަން ފުރިހަމަވިޔަސް އަނެއް ފަރާތެއްގެ އެޕްލިކޭޝަން ފުރިހަމަވެފައި އޭނާގެ ފެންވަރު ރަނގަޅު ކަމަށްވާނަމަ، އޭނާއަށް ލޯނު ލިބޭނެކަމަށެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން މިނިސްޓްރީގެ އެއްވެސް ކަމެއްގައި ސިޔާސީވަކި ފިކުރަކަށް ތާއީދު ކޮށްގެން ވާނެ ފައިދާއެއް ވެސް ނޯންނާނެ. ވާނެ ގެއްލުމެއް ވެސް ނޯންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ލޯނު ލިބޭ ކުދިންގެ ދާއިމީ ލިސްޓް އިއުލާނު ކުރަނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުގެ ފުރުސަތު ދިނުމަށްފަހު ކަމަށެވެ. އަދި ވަގުތީ ލިސްޓަށްވުރެއް ދާއިމީ ލިސްޓް ނެރޭއިރު ލޯނު ލިބޭ ފަރާތްތައް އިތުރުވާ ކަމަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރު ލޯން ސްކީމުގެ ގޮތުގައި 720 ފުރުސަތު ހުޅުވާލިއެވެ. އަދި އެ ފުރުސަތުތަކަށް 1000 ދަރިވަރަކު ކުރިމަތިލާފައިވެއެވެ. އޭގެތެރެއިން 393 ދަރިވަރަކަށް ލޯނު ލިބިފައިވާކަން އިއުލާނުކޮށްފައިވެއެވެ.