Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އެމްއެމްސީގެ ރައީސްކަމުން ޝަހުބާން އިސްތިއުފާ ދީފި

ޝަހުބާން ފަހުމީ، ފޮޓޯ: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަހުބާން މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ، އޭނާ މަގާމުން ދުރުކުރުމަށް ދެފަހަރު ވޯޓު ނެގުމަށްފަހުވެސް އެކަން ފެއިލް ވެފައިވަނިކޮށެވެ.

އިސްތިއުފާ ދެމުން މީޑިއާތަކާ ވާހަކަދައްކަވަމުން ޝަހުބާން ވިދާޅުވި އިސްތިއުފާ ދެނީ ދެން މީޑިއާ ކައުންސިލްގެ ރައީސް ކަމުގައި ހުރެއްޖެނަމަ، މީޑިއާ ކައުންސިލަށާއި، ނޫސްވެރިންނާއި މީޑިއާތަކަށް ލިބިދާނެ އިއާދަނުކުރެނިވި ގެއްލުމަކަށްޓަކާ ކަމަށެވެ.

"އިސްތިއުފާ މި ދިނީ އަޅުގަނޑުގެ މަގާމަށް ދަހިވެތިވެފައި ތިބި މެމްބަރުންތަކެއް ކުރި މަސައްކަތުގެ ތެރެއިން، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަން މިއަދު ގެއްލިފައިވާ ކަމަށް ގަބޫލުކުރެވޭތީ."

ޝަހުބާން ވިދާޅުވީ އޭނާގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަމެއް މިއަދު ނެތް ކަމަށާއި، އަނބިދަރިން ގޮވައިގެން ބޭރަށް ނުކުމެ އުޅެވެންވެސް ނެތް ކަމަށާއި، "ހޯއް ގޮވައި ދިމާކޮށް ކަންކަން" ކުރާ ކަމަށެވެ. މީގެއިތުރުން ވިދާޅުވީ ކިތަންމެ ވަރަކަށް އޭނާގެ މަގާމުން ދުރުކުރުމަށް މައްސަލަ ވެއްދި ނަމަވެސް، އިތުބާރު ނެތް ކަމަކަށް ފާހެއް ނުކުރެވޭނެ ކަމަށާއި، އެފަދަ މައްސަލަތަކަށް ލިބޭނީ އަށް ވޯޓު ނޫނީ ނުވަ ވޯޓު ކަމަށެވެ.

ޝަހުބާން މަގާމުން ދުރުކުރުމަށް މަސައްކަތްފެށީ، އޭނާާއާ ދެކޮޅަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުމާ ގުޅިގެންނެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނީ، އޭނާގެ ބޭބެ އަލްހާން ފަހުމީ ހިންގި ސްކީމަކާ ގުޅިގެންނެވެ. ޝަހުބާން ބުނާ ގޮތުގައި އޭނާއަކީ އެ ކުންފުނީގެ "ސްލީޕިން ޕާޓްނާ" އެކެވެ.

މީގެ ކުރިން ޝަހުބާން ބުނަމުން އައިސްފައިވަނީ އޭނާ އެމަގާމުން އިސްތިއުފާ ދޭނީ އެ މައްސަލައިގައި އޭނާއަށް ދައުވާ ކޮށްފިނަމައެވެ.