Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މާލޭގެ ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމުގެ ވިސްނުން

މިނިސްޓަރު އަހުމަދު މަހުލޫފް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭގެ ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމުގެ ވިސްނުން ގެންގުޅޭކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވަނީ ކުޅެން ބޭނުންވާ މީހުންނަށް މާލެ އިން ދަނޑު ހޯދުމަށް ބޮޑު އަދަދެއްގެ ފީއެއް ދައްކަންޖެހޭތީ އެކަމަށް ހައްލެއް ހޯދުމަށް މިނިސްޓްރީގެ ޕްލޭނެއް އޮތްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މާލޭގައި މީހުން ފުޓްސަލް ކުޅެން އަދި ފުޓްބޯޅަ ކުޅެން ދަނޑު ނަގައިގެން ދިއުން މިހާރު އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ދައްކަންޖެހޭ ފައިސާވެސް ގިނަ ކަމަށާއި، އަދި ހުރި ވަސީލަތްތައްވެސް މަދު ކަމަށް ވިދާޅުވިއެވެ.

"އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެއްކަމަކަށް ދަނޑުތައް ނެގުމުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް. އޭގެ އިތުރަށް އެ ތަންތަނަކީ އޮންލައިން ކޮށް ބުކް ކޮށްގެން މީހުންނަށް ދެވޭނެ ގޮތަށް އެކަންކަން ހެދުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުން." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެބޭފުޅާވެސް ކުޅެންދަނީ ހަފުތާއަކު ދެ ރެއަށް 6،400 ރުފިޔާ ވަރު ދައްކާފައި ކަމަށެވެ. ދަނޑުތަކުގެ އަގު އެހާވެސް ބޮޑުވެފައިވާ ކަމަށާއި، ބައެއް ދަނޑުތައް 9000 ރުފިޔާގައި އުޅޭކަން މަހުލޫފް ފާހަގަ ކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވޭކަން ފާހަގަ ކޮށް މަހުލޫފް ވިދާޅުވީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާވެސް ކުރެވޭ ކަމަށެވެ.