Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އައްޑޫ ކައުންސިލަރުންތަކެއް ހޯމް މިނިސްޓަރާ ބައްދަލު ކުރައްވަނީ

ފުލުހުން އަައްޑޫން ބޭނުންވާ ބިންތަކާއި އައްޑޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އާ ހޮސްޕިޓަލްގެ ބިމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އައްޑޫގެ ކައުންސިލަރުންތަކެއް މާލެ ވަޑައިގެން މާދަމާ ހޯމް މިނިސްޓަރާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކައުންސިލަރުންތަކެއް މާލެ ވަޑައިގަންނަވާ ދަތުރުގައި އިސްކޮށް އުޅުއްވަނީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. މޭޔަރު މިއަދު ވިދާޅުވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާ އެކު ބާއްވާ މަޝްވަރާތަކަށް ފަހު އެކަމާ ބެހޭ އިތުރު ތަފުސީލް ދެއްވާނެ ކަމަށެވެ. ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު އެވެ. މާލެ ވަޑައިގަންނަވާ ކައުންސިލަރުން މިއަދުގެ ވަގުތެއްގައި ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެެވެ.

ހޯމް މިނިސްޓަރާ ކައުންސިލުން ބައްދަލުކޮށް މަޝްވަރާ ކުރާ ގޮތަށް މި ހަމަ ޖެހުނީ، އައްޑޫގައި އިމާރާތް ކުރާ 100 އެނދުގެ އާ ހޮސްޕިޓަލް އަޅާނީ ހިތަދޫގައި ޕޮލިސް ޓްރޭނިން ސްކޫލް ހުރި އިމާރާތުގައި ކަމަށް ދާދި ފަހުން ކައުންސިލުން ބުނެފައި ވަނިކޮށެވެ. ޕޮލިސް ޓްރޭނިން ސްކޫލް ވެނީ ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ރޯކޮށްލައިފަ އެވެ.

ކައުންސިލުން ބުނީ ޓްރޭނިން ސްކޫލްގައި ހުރި ބިމުގައި ހޮސްޕިޓަލް އެޅުމާ ބެހޭ ގޮތުން އެންމެ ފުރަތަމަ ކައުންސިލާ ވާހަކަ ވެސް ދެއްކީ ފުލުހުން ކަމަށެވެ. އަދި ޓްރޭނިން ސްކޫލް ހުރި ތަނުގައި ހޮސްޕިޓަލް އެޅިޔަސް މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނުމުން އެކަން ހައުސިން މިނިސްޓްރީ އަށް ވެސް އެންގި ކަމަށް ކައުންސިލުން ކުރިން ބުނެފައިވެ އެވެ.

އެގޮތުން ދެ ފަރާތުގެ އެއްވެސް މައްސަލައެއް އެކަމުގައި ނެތް ނަމަ ޓްރޭނިން ސްކޫލް ހުރި ބިމުގައި ހޮސްޕިޓަލް އެޅުން އެންމެ ރަނގަޅު ކަމަށް ހައުސިން މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އަދި އަލުން ޕޮލިސް ޓްރޭނިން ސްކޫލް އިމާރާތް ކުރުމަށް ހިތަދޫ އާރްއޭއެފް ސަރަހައްދުން ފުލުހުންނަށް ބިން ދޫކުރަން ނިންމައި، ފުލުހުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ ޓްރޭނިން ސްކޫލް ހުރި ބިމުގައި ހޮސްޕިޓަލް އަޅާ ގޮތަށް ފުލުހުން ކައުންސިލާ އެކު މިހާތަނަށް އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލްގެ ބިމުގެ މައްސަލާގައި ހެލްތު މިނިސްޓްރީގެ ސިޓީއެއް ވެސް ނޮވެމްބަރު މަހުގެ ތެރޭގައި ކަަައުންސިލަށް ލިބިފައިވާ ކަމަށް ކައުންސިލަރަކު ކަށަވަރުކޮށް ދެއްވި އެވެ. އެހެން ނަމަވެސް ސިޓީ އާ ބެހޭ އެއްވެސް ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ހޮސްޕިޓަލް އިމާރާތް ކުރުމަށް ހެލްތު މިނިސްޓްރީ އަށް މީގެ އަހަރުތަކެއް ކުރިން ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުން ބިމެއް ދޫކޮށްފައިވެ އެވެ. އެހެން ނަމަވެސް ކައުންސިލުން ބުނަނީ ސްޓޭޑިއަމް ސަރަހައްދު ބިމަކީ ކުރިއަށް އޮތް ތަނުގައި ސްޓޭޑިއަމް ތަރައްގީ ކުރުމަށް މުހިއްމު ވާނެ ބިމެއް ކަމަށެވެ.