Last Updated: June 12, 17:29
Friday, June 12, 2026
ޚަބަރު

ރައީސް ވައުދުވީ ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޅިވަރު ދާއިރާއިން ވައުދުވި ކަންކަމަށްވުރެ މާރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ މި ދައުރު ނިމޭއިރު ރައީސްގެ ވައުދުތައް ފުއްދޭނެތޯ މަހުލޫފާ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުތައް މާރަނގަޅަށް ވެސް ކުރެވިއްޖެ ކަމަށެވެ.

އަދި ކުރެވުނު މަސައްކަތްތައް ރަށްރަށުން މިއަދު ފެންނަމުންދާ ކަމަށާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަށް ހީނުކުރާ ވަރުގެ ބަދަލުތަކެއް އައިސްފައިވާ ކަމުގައި ވިދާޅުވިއެވެ.

"ހަގީގަތަށް ބުނާ ކަމަށްވާނަމަ ރައީސް ވައުދުވެވަޑައިގެންނެވި ކަންކަމަށް ވުރެ ވެސް މާރަނގަޅަށް ކުރެވިއްޖެ އެނގޭތޯ." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ހީނުކުރާ ވަރުގެ ބަދަލެއް މިސަރުކާރުން މުޅި މިދާއިރާ އަށް ގެނެސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް ގައުމުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ވީހާވެސް ބޮޑަށް މިބަދަލު ގެނެސްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.