މާލެސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ގޮވާލައްވައިފިއެވެ.
ޝަހީމް މިފަދައިން ގޮވާލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކޮށް ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
ގަރާރަށް ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ކަންކަމުގައި ސަރުކާރަށް އިލތިމާސް ކުރުމުގެ ކުރިން ގަރާރު ހުށަހެޅި މެމްބަރު ޝިޔާމްގެ އަމިއްލަ ޕާޓީއަށް އިލްތިމާސް ދަންނަވަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން ޝަހީމް ވަނީ މާލޭސިޓީ ކައުންސިލުން ބަލަހައްޓާ ކަންކަމުގެ ތެރެއިން ގޯހުންދާ ކަންކަން ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް މާލެސިޓީ މޭޔަރު ޑރ، މުހައްމަދު މުއިއްޒުއަށް އިލްތިމާސް ކުރުމަށް ޝިޔާމްގެ އަރިހުން އެދިފައެވެ. ޝަހީމް ވަނީ ޕީޕީއެމްގެ މެޖޯރިޓީއޮތް މާލެސިޓީ ކައުންސިލަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ލާޒިމުކުރާ ކަންކަން ނުކުރާ ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފައެވެ.
"އަޅުގަނޑު ދަންނަވާލާނީ މާލެސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން އެއްފަހާ އިސްތިއުފާދީ، މާލެސިޓީގެ މޭޔަރުވެސް އިސްތިއުފާ ދޭށެ." ޝަހީމް ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލްގެ އިސްތިއުފާއަށް ޝަހީމް ގޮވާލެއްވިއިރު، މާލެސިޓީ ކައުންސިލްގައި އެމްޑީޕީ 6 މެމްބަރުން ތިއްބަވައެވެ. މޭޔަރާ އެކު ޕީޕީއެމްގެ 12 މެމްބަރުން ތިއްބަވައެވެ.