Last Updated: June 12, 17:29
Friday, June 12, 2026
ޚަބަރު

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިހަށް ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝަރުތެއް ހަމަވާ މެމްބަރުން އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން އެކަމަށް އެދި އިއުލާނުގައިވާ ގޫގުލް ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޕާސްޕޯޓް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި އެކު އެޓެސްޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ޕީޑީއެފް އެޓޭޗް ކުރެއްވުމަށްފަހު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުއްވުމަށް އެދިފައިވެއެވެ.

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެޕާޓީގެ އަސާސީ ޤަވައިދުގެ 54 ވަނަ މާއްދާގައި ބުނާ ޝަރުތުތައް
1- އިސްލާމިކް ޔުނިވަރސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން،
2- އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
3- ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
4- ހާފިޒުކަމުގެ ސަނަދުއޮތުން
5- އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން، މިއެވެ.

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް އެކުލަވާލުމަކީ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި މިހާރުގެ ޗެއާޕާސަން މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެލައްވާފައިވާ ވައުދެކެވެ.